ވިލިމާލޭގައި ތިމާވެއްޓާ ރައްޓެހި ބަގީގެ ޚިދުމަތް އަލުން ފެށުމުގެ ގޮތުން، އެރަށަށް ބޭނުންވާ އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން ޖުމްލަ 9 ބަގީ ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 11 ޝީޓުގެ 4 ބަގީ އާއި، 8 ޝީޓުގެ 3 ބަގީގެ އިތުރުން މުދާ އުފުލުމަށް (ކާގޯ) ޚާއްސަ 2 ބަގީއެވެ. ސިޓީ ކައުންސިލުން ޝަރުތުކޮށްފައިވަނީ މި ވެހިކަލްތަކަކީ "އެލްވީޓޮންގް" (Lvtong) ބްރޭންޑުގެ، ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ އުޅަނދުތަކަކަށް ވުމަށެވެ. އަދި ސަޕްލައިކޮށްދޭ ފަރާތުން ވެހިކަލްތަކުގައި ކައުންސިލްގެ ލޯގޯ ޖަހައިދިނުމަށާއި، މަދުވެގެން އެއް އަހަރު ދުވަހަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ސެޝަން މި މަހުގެ 26 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލް ހޯލުގައި ކުރިއަށްދާނެއެވެ. އަދި ބީލަން ނުވަތަ އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މާޗު މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 11:30 ގައެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސް، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ވިލިމާލޭގައި މި ޚިދުމަތް ފަށާފައެވެ. ނަމަވެސް އެފަހަރު ޚިދުމަތް ފެށިތާ މާގިނަ ދުވަހެއް ނުވެ ވަނީ ހުއްޓާލާފައެވެ. މިފަހަރު ކައުންސިލުން މަސައްކަތް ކުރަމުންދަނީ އެ ޚިދުމަތް އަލުން ރަނގަޅު ފެންވަރެއްގައި ފެށުމަށެވެ.
ކޮމެންޓު ފޮނުވާ