ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން 13 ގައުމަކަށް ދައުވަތު ދީފި

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން 13 ގައުމަކަށް ދައުވަތު ދީފި

Author
ޙަސަން މުޙައްމަދު
15 ފެބްރުއަރީ 2026 08:36
0

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހްމާން، މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތަށް ރާއްޖެ ހިމެނޭހެން 13 ގައުމަކަށް ދައުވަތު ފޮނުވައިފި އެވެ.

އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ލިސްޓު، އިންތިހާބު ކާމިޔާބުކުރި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އިތުރުން މި ލިސްޓުގައި އިންޑިއާ، ޕާކިސްތާން، ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ، ބުރުނާއީ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެ އެވެ. ނަމަވެސް މި ގައުމުތަކުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ކޮން ފެންވަރެއްގެ ބޭފުޅުންނެއްކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.

އުމުރުފުޅުން 60 އަހަރުގެ ތާރިގަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުންނެވެ. ސިޔާސީ ސަބަބުތަކާ ހުރެ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި 17 އަހަރު ހޭދަކުރެއްވުމަށްފަހު، ތާރިގް އެނބުރި ގައުމަށް ވަޑައިގަތީ މަންމާފުޅުގެ އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ ފަސް ދުވަސް ފަހުން، ޑިސެމްބަރު 30 ގައި ޚާލިދާ ޒިއާ ވަނީ އަވަހާރަވެފަ އެވެ.

ބަންގްލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލެވިގެން މިދަނީ، ދަރިވަރުން އިސްވެ ތިބެ ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ 5 އޮގަސްޓް 2024 ގައި އިސްތިއުފާ ދެއްވައި، އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތުމާ ގުޅިގެންނެވެ. ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، އިންތިހާބާ ހަމައަށް ގައުމު ހިންގަވާފައިވަނީ ޑރ. މުހައްމަދު ޔޫނުސްގެ ބެލުމުގެ ދަށުން އޮތް ވަގުތީ ސަރުކާރަކުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ހަސީނާގެ އަވާމީ ލީގަށް ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.