ހިޔާ ޓަވަރު 5ގައި ރޯވެ ނަރުދަމާ ނިޒާމަށް ގެއްލުންވެއްޖެ؛ މަރާމާތުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

ހިޔާ ޓަވަރު 5ގައި ރޯވެ ނަރުދަމާ ނިޒާމަށް ގެއްލުންވެއްޖެ؛ މަރާމާތުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

Author
އަހުމަދު
30 ޖެނުއަރީ 2026 11:30
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެ ޓަވަރުގެ މައި ނަރުދަމާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެކަން ހައްލުކުރުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް މަސައްކަތްތަކެއް ފަށައިފިއެވެ. މި ހާދިސާގެ ސަބަބުން ނަރުދަމާ ނިޒާމަށް ލިބުނު ގެއްލުމާ ގުޅިގެން ބައެއް ފްލެޓްތަކުގެ ފާޚާނާތައް ބޭނުންކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި، އަލިފާން ރޯވެފައިވަނީ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައެވެ. މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޓަވަރުގެ މައި ފާޚާނާ ހޮޅިއަށެވެ. މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް، އާންމު ހާލަތަށް ގެނައުމަށްޓަކައި އެމްޑަބްލިއުއެސްސީގެ އިތުރުން އެމްއެންޑީއެފް، ޕޮލިސް އަދި އެޗްޑީސީ ގުޅިގެން، ލިބުނު ގެއްލުންތައް ދެނެގަނެ މަރާމާތުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް އެޕާޓްމަންޓެއްގެ އެތެރެއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ރޯވި ވަގުތު އެރި ކަޅު ދުމުގެ އަސަރުކޮށްގެން ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހުން ވަގުތީގޮތުން ހުސްކުރަން ޖެހުނުކަން އެންޑީއެމްއޭއިން ފާހަގަކުރެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އަލިފާން ނިއްވުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. މީގެ ކުރިންވެސް ހިޔާ ފްލެޓް ސަރަހައްދުގައި މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައި އެކިވަރުގެ ގެއްލުންތައް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.