ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް: މެޑަމް ސާޖިދާ

ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ ޑަބްލިޔުޑީސީއަށް: މެޑަމް ސާޖިދާ

Author
ޙަސަން މުޙައްމަދު
04 ފެބްރުއަރީ 2026 11:38
0

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ މެންބަރުންނަކީ މުޖުތަމައުގައި އެއްވެސް ބުރދަނެއް ނެތް ބަޔެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ހާލަތާއި އިހުސާސްތައް އެންމެ ގާތުން ދެނެގަނެވޭނެ ބަޔަކީ އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ޑަބްލިޔުޑީސީއަށް ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތުތައް އެކުލަވާލެވޭނީ ސީދާ އަންހެނުންގެ ބަހާއި މައުލޫމާތު ލިބިގެން ކަމަށެވެ. އެހެންކަމުން، މިއީ "ކީއްކުރާ ކޮމިޓީއެއްތޯ" ސުވާލު އުފައްދައި، އެ ކޮމިޓީގެ މުހިންމުކަން ކުޑަކޮށްލުމަކީ އަންހެނުން ބާރުވެރިކުރުމަށް އެޅޭ ހުރަހެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އަންހެނުން އެކަކު އަނެކަކަށް ވާގިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޑަބްލިޔުޑީސީގައި ތިއްބަވާ އަންހެން ބޭފުޅުންނަކީ "އެއްވެސް ބަޔެއް ނޫން" ކަމަށް ދެކޭނަމަ އެ ހެދެނީ ގޯހެއް ކަމަށާއި، އެ ވިސްނުން ގެންގުޅޭނަމަ އަންހެނުން ބާރުވެރި ނުކުރެވޭނެކަމަށް ސާޖިދާ ވިދާޅުވިއެވެ. އެހެންކަމުން ޑަބްލިޔުޑީސީގެ މުހިންމުކަން އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ބަޔަކީ ޚުދު އަންހެނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޑަބްލިޔުޑީސީގެ މެންބަރުންނަކީ ރައްޔިތުންނާ އެންމެ ގާތުން ބައްދަލުވެ، އެ މައުލޫމާތުތައް ކައުންސިލްތަކާ ހަމައަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތްތައް ކަމަށް ސާޖިދާ ސިފަކުރެއްވިއެވެ. މި ސަބަބަށްޓަކައި، ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބަޔަކަށް އެ ކޮމިޓީ ހެދުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ނެރެފައިވަނީ ވެސް ޕީއެންސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.