ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ހޮޅިތައް މަރާމާތުކޮށްފި

ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ހޮޅިތައް މަރާމާތުކޮށްފި

Author
އަހުމަދު
02 ފެބްރުއަރީ 2026 11:45
0

ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގެ 5 ވަނަ ޓަވަރުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފާޚާނާ ހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައި، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަށް އަމާޒު ހިފައިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މި ހާދިސާގައި އެ ޓަވަރުގެ ވައިގޯޅި ތެރޭގައި ހުރި 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަލިފާން ރޯވުމުގެ ސަބަބުން ހޮޅިތަކުގެ އިތުރުން ވައިގޯޅި ތެރޭގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނެފައިވަނީ، ގެއްލުން ލިބުނު އޭސީ ޔުނިޓްތައް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހޮޅިތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، މައި ހޮޅި މަރާމާތުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށާއި، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ފާޚާނާ ބޭނުންކުރުމަށް ދަތިވެދާނެތީ އެކަމަށްޓަކައި އެ ކޯޕަރޭޝަނުން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

މި މަރާމާތުތައް ވީހާވެސް އަވަހަށް ނިންމާލުމަށްޓަކައި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކޮށް، އެޗްޑީސީން ވަނީ އެންމެހާ ފަރާތްތަކުން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކޮށްފައެވެ. ހުކުރު ދުވަހުގެ ރޭ 7:00 ހާއިރު ހިނގި މި ހާދިސާގައި އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް، މި ހާދިސާގެ އަސަރުކުރި 30 އެޕާޓްމަންޓެއްގައި ދިރިއުޅޭ 140 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 49 ފިރިހެނުންނާއި، 48 އަންހެނުންގެ އިތުރުން 43 ކުޑަކުދިން ހިމެނޭއިރު، އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.