ހުޅުމާލޭ ޗަނބޭލީ-5 ގޯޅީގައި ހުންނަ 6 ފަންގިފިލާގެ އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ އިމާރާތުން ކަރަންޓު ކެނޑި ގިނަ ބަޔަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މައުލޫމާތު ދީފައިވާ ގޮތުގައި، ލޮޓް ނަންބަރު 11154 ގައި ހުރި މި ގުދަނުގައި ރޯވެގެން ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 03:30 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. ސިފައިން ކުރި މަސައްކަތުން ގާތްގަނޑަކަށް 10 މިނެޓުގެ ތެރޭގައި، 03:40 ހާއިރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ބޭރުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ގުދަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އަލިފާންގަނޑު ގުދަނުގެ އެތެރެއަށް ފެތުރުމުގެ ސަބަބުން އެތަނުގައި ހުރި މުދަލަށް ވަނީ ގެއްލުންވެފައެވެ. މީގެ އިތުރުން، އަލިފާނުގެ ސަބަބުން އިމާރާތުގެ ކަރަންޓު ވައިރިންގއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަރަންޓު ޕެނެލް ހަލާކުވުމާ ގުޅިގެން މުޅި އިމާރާތުން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ކަމާ ގުޅިގެން އެންޑީއެމްއޭއިން ވިދާޅުވީ، ކަރަންޓު ކެނޑުމުގެ ސަބަބުން އެ އިމާރާތުގެ ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ފަރާތްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ހާލުގައި ޖެހުނު 21 މީހަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމްތައް އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
ކޮމެންޓު ފޮނުވާ