ހިޔާ ޓަވަރު 5 ގައި ރޯވެ، މައި ނަރުދަމާ ހޮޅިއަށް ގެއްލުންވެއްޖެ

ހިޔާ ޓަވަރު 5 ގައި ރޯވެ، މައި ނަރުދަމާ ހޮޅިއަށް ގެއްލުންވެއްޖެ

Author
ޙަސަން މުޙައްމަދު
30 ޖެނުއަރީ 2026 10:55
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޓަވަރުގެ މައި ނަރުދަމާ ހޮޅިއަށް ގެއްލުންވެ ބައެއް އެޕާޓްމަންޓްތަކުގެ ފާޚާނާތައް ބޭނުން ނުކުރެވޭ ހާލަތަށް ހިނގައްޖެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް އެޕާޓްމަންޓެއްގެ އެތެރެއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ރޯވި ވަގުތު އަރަމުންދިޔަ ކަޅު ދުމުގެ ސަބަބުން ދެ އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހުން ވަގުތީގޮތުން ހުސްކުރަން ޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިސާން އިތުރަށް ވިދާޅުވި ގޮތުގައި، އަލިފާނުގެ ސަބަބުން ލިބުނު އެންމެ ބޮޑު ގެއްލުމަކީ ޓަވަރުގެ މައި ފާޚާނާ ހޮޅިއަށް ގެއްލުން ވުމެވެ. މީގެ ސަބަބުން ބައެއް ފްލެޓްތަކުގެ ފާޚާނާތައް ބޭނުންކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެންޑީއެފް، ޕޮލިސް، އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ ގުޅިގެން، ލިބުނު ގެއްލުންތައް ދެނެގަނެ މަރާމާތުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުގައި މީގެ ކުރިންވެސް މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައި އެކިވަރުގެ ގެއްލުންތައް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.