ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅެމުން އަންނަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ތެރެއިން 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ޓަވަރުން މީހުން ހުސްކޮށްފިއެވެ.
މި ހާދިސާ ހިނގުމާއެކު ފުލުހުންނާއި އެޗްޑީސީގެ ސެކިއުރިޓީ އޮފިޝަލުން ގުޅިގެން ވަނީ އެ ޓަވަރުގައި ދިރިއުޅޭ ފަރާތްތައް ބޭރަށް ނެރެ އިމާރާތް ހުސްކުރުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން އެ އިމާރާތުގެ އެންމެ މަތިން ދުން އަރަމުންދާ މަންޒަރު ފެނުނު ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ އެންމެ ތިރީ ބޭސްމަންޓުގައެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ހިޔާ މަޝްރޫއުގެ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 420 އެޕާޓްމަންޓް ހުންނައިރު، މިއީ އާބާދީ ތޮއްޖެހިފައިވާ ސަރަހައްދެކެވެ. އާންމު ގޮތެއްގައި ކޮންމެ ފްލެޓެއްގައި 5 މީހުންނާއި 8 މީހުންނާ ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅޭއިރު، އެއް ޓަވަރެއްގައި އެކަނިވެސް 2،100 އާއި 3،300 އާ ދެމެދުގެ އާބާދީއެއް ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން މިފަދަ ހާދިސާތަކުގައި ލިބިދާނެ ގެއްލުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ