ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން 5 ވަނަ ޓަވަރުގައި ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ޓަވަރުގައި ދިރިއުޅެމުންދާ ފަރާތްތައް އިމާރާތުން ބޭރަށް ނެރުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކުން ވަނީ ކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަލިފާން ރޯވެފައިވަނީ އެ ޓަވަރުގެ 24 ވަނަ ފަންގިފިލާގެ ވައިގޮޅީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ. މަންޒަރު ދުށް ފަރާތްތަކާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓަވަރުގެ އެންމެ މަތިން ބޯ ކަޅު ދުންތަކެއް އަރަމުންދިޔަ ނަމަވެސް، ބޭރަށް ފެންނަ ގޮތަށް އަލިފާންގަނޑެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް މި ހާދިސާގެ ސަބަބުން މުޅި ސަރަޙައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރިިއިރު، ރޯވި އެޕާޓްމަންޓް ހުރި ފަންގިފިލާގެ އިތުރުން ތިރީ ފަންގިފިލާތަކަށްވެސް ވަނީ ދުމުގެ ވަސް ފެތުރިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން ގެންދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްޞީލެއް ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ