ތޫފާން ދީތުވާގައި ރާއްޖެއިން ވެދިން އެހީއަށް ޝުކުރު އަދާކުރަން ސްރީލަންކާ ރައްޔިތުން އެއްވުމެއް ބާއްވައިފި

ތޫފާން ދީތުވާގައި ރާއްޖެއިން ވެދިން އެހީއަށް ޝުކުރު އަދާކުރަން ސްރީލަންކާ ރައްޔިތުން އެއްވުމެއް ބާއްވައިފި

Author
އަހުމަދު
05 ޑިސެމްބަރ 2025 09:10
0

ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ތޫފާން ދީތުވާގައި ދިވެހި ރާއްޖޭން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރުމަށް ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުން މިއަދު ހަވީރު މާލޭގެ ޓޯ ޔާޑު ކުރިމަތީގައި އެއްވުމެއް ބާއްވައިފިއެވެ.

މި އެއްވުމުގައި ގިނަ އަދަދެއްގެ ސްރީލަންކާ ރައްޔިތުން ބައިވެރިވެ، ދިވެހި ދިދަ ހިފައިގެން އަދި "ތެންކިއު މޯލްޑިވްސް" ލިޔެފައި ހުރި ހެޑް-ބޭންޑާއި އެކި ފޮޓޯފްރޭމްތަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އެއްވުމުގެ ބައިވެރިން ބުނީ ތޫފާނުގެ ސަބަބުން ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް ރާއްޖެއިން ވެފައިވާ ކަމަށާއި، މިކަމުގެ އަގު އަދާކުރަން ޖެހިއްޖެ ހާލެއްގައި ސްރީލަންކާގެ ރައްޔިތުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށެވެ.

ސްރީލަންކާއަށް ދިމާވި މި ކާރިސާގައި އެތައް ބަޔަކަށް ގެއްލުންތަކެއް ލިބި ފުރާނަވެސް ގެއްލުނު އިރު، ރާއްޖެއިން ވަނީ އެހީތެރިކަމުގެ އަތް ދިގުކޮށްފައެވެ. ރާއްޖޭގެ ސަރުކާރާއި ކުންފުނިތަކާއި އާންމު ފަރުދުން ވެސް މި ކެމްޕޭނުގައި ބައިވެރިވެ، ގިނަ މުވައްޒަފުން އެއް ދުވަހުގެ މުސާރަ ހަދިޔާކުރިއެވެ. ސިޔާމް ގްރޫޕްގެ ޗެއަރމަން އަޙްމަދު ސިޔާމް ދެ ލައްކަ ޑޮލަރު ހަދިޔާކުރެއްވި އިރު، ސަރުކާރުން 25،000 މަސްދަޅު ކޭސާއި 50،000 ޑޮލަރު އެހީގެ ގޮތުގައި ފޯރުކޮށްދިނެވެ. އަދި ދިރާގާއި އުރީދޫން ވަނީ ސްރީލަންކާއަށް ގުޅުމުގެ ހިލޭ ފުރުސަތު ފަހިކޮށްދީފައެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓްތަކުން ފެންނަ ގޮތުގައި ލަންކާގެ ގިނަ ފަރާތްތަކުން ދަނީ ރާއްޖެއަށް ޝުކުރު އަދާކޮށް "ރާއްޖެ ބޭނުންވާ ވަގުތު އަހަރެމެން އެކަން އަނބުރާ ދައްކާނަން" މި ޝުޢޫރު ފާޅުކުރަމުންނެވެ. މިހާރު ދިވެހިން ދަނީ "ދިވެހިން ސިލޯނާއި އެކު" މި ހޭޝްޓެގް ފަތުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.