ވިލިމާލެ އިހުމާލު ކޮށްލެވިފައި ތަފާތު ކުރެވިފައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި، މާލެ ސިޓީގެ އެއްބައި ކަމުގައިވާ ވިލިމާލެއަށް ސަރުކާރުން ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލިމާލެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ އަވަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. މިހާތަނަށް ސަރުކާރުތަކުން ނުކުރެވި އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ތަރައްގީ އަންނަން ޖެހޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ވިލިމާލެއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން ފުރިހަމަ ކުރެވެވިއިރު، އެހެން ބައެއް ކަންކަން ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫއު ހިމެނެއެވެ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާ މި ދެ މަޝްރޫއުގެ ފަންޑިން ހަމަޖެހިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހުރިހާ މަރުހަލާތަކެއް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރު ތެރޭގައި 1200 މީހުންގެ ސީޓިން ކެޕޭސިޓީ ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މިހާރު ހުރި ދަނޑު ފީފާ ސްޓޭންޑާޑަށް އަޕްގްރޭޑް ކުރުމާއި، ބީއެމްއެލް ޑޮލަރު އޭޓީއެމް ގާއިމް ކުރުމުގެ ވައުދުތައްވެސް ފުރިހަމަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ