ވިލިމާލޭގައި އަންނަ އަހަރު ޑޮލަރު އޭޓީއެމް ބަހައްޓަވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިއުލާން ކުރެއްވީ މިރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އަންނަ އަހަރުގެ މާޗު މަހާ ހަމައަށް 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވިލިމާލޭގައި އެއް އޭޓީއެމް ބަހައްޓަން ވަނީ ހަމަޖައްސަވާފައެވެ.
ރައީސް ވިދާޅުވީ ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި، ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ލުޔެއް ހޯދައިދިނުމަށް މިކަން ކުރުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓާފައިވާއިރު، ގެސްޓް ހައުސް ގިނަ ރަށްރަށާއި އަރބަން ސެންޓަރުތަކުގައިވެސް ޑޮލަރު އޭޓީއެމް ބަހައްޓަން ސަރުކާރުން ނިންމަވާފައިވެއެވެ.
ކޮމެންޓު ފޮނުވާ