ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ދިރާސާކޮށް ދެނެގަތުމަށް ހުޅުވާލި "ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް" ލިބުނު 40 ފަރާތަކާއި ލިޔުން މިއަދު ހަވާލުކޮށްފިއެވެ. މި ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ.
މި ސްކޮލާޝިޕަކީ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް ދޭ ރިސާޗް ފުރުސަތެކެވެ. މި ފުރުސަތު ފުރިހަމަކުރާ ފަރާތްތަކަށް "މާސްޓާ އިން ރިސާޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ލިބޭނެއެވެ. މި ސްކޮލަޝިޕުގެ މަގްސަދަކީ ދިވެހި ތަރިކައިގެ އިލްމު އުފައްދައި، ގާބިލު ތަރީހީ ދިރާސާކުރާ ފަރާތްތަކެއް އުފެއްދުމެވެ.
އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ މިއީ ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވި ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއާ ގުޅިފައިވާ އިންގިލާބީ އިލްމީ މަސައްކަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މި ދިރާސާތަކުން ދިވެހިންގެ އަސްލުތަކާއި ސިފަތައް އިލްމީ މިންގަނޑުތަކުން ބަލައި، ދިވެހިންނަށް ޒަމާނުއްސުރެ ފޯރާފައި ނުވާ ހަގީގަތްތަކަށް ވާސިލްވެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ