ދުނިޔޭގެ ފުޓްބޯޅަ ޖަމްޢިއްޔާ ފީފާއިން މި އަހަރުން ފެށިގެން އަހަރަކު ސުލްހައިގެ އިނާމެއް ދޭން ނިންމައިފި އެވެ. އެންމެ ފުރަތަމަ އިނާމު ހަވާލުކުރާނީ އަންނަ މަހު ވޮޝިންގްޓަނުގައި ބާއްވާ ވޯލްޑް ކަޕް ގުރުއަޑީގެ ރަސްމިއްޔާތުގަ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެވޯޑް ލިބޭ ފަރާތެއްގެ ނަން އިއުލާނުކުރާނީ ޑިސެމްބަރު ފަހުކޮޅު ކަމަށެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި އެވޯޑަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިނުމުގެ ބޭނުމުގައި ތައާރަފްކުރި އެއްޗެކެވެ. ނޯބަލް ސުލްހައިގެ އިނާމް ޓްރަމްޕަށް ނުލިބުމުން އެކަން އޮއްބާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެ އެވެ. އިންފަންޓީނޯ ވަނީ ފުޓްބޯޅައިގެ ތެރެއިން ދުނިޔެ އެކުވެރިކޮށް ހަމަޖެހުން ގެނުވޭނެ ކަމަށާއި އެކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ ފީފާއަށް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި ފީފާގެ ހުރިހާ ކަމެއްގައި ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ޓްރަމްޕް ޓަވަރުގައި ވޯލްޑް ކަޕަށް ހާއްސަ ފީފާގެ ދެވަނަ އޮފީހެއް ހުޅުވުމާއި ވޯލްޑް ކަޕުގެ 100 މިލިއަން ޑޮލަރުގެ އެޑިއުކޭޝަނަލް ފަންޑުގެ މެމްބަރެއްގެ ގޮތުގައި އިވާންކާ ޓްރަމްޕް ހަމަޖެއްސުން އޭގެ ތެރޭގަ އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމު ސަސްޕެންޑްކުރުމަށް ގިނަ ގައުމުތަކުން ގޮވާލިއަސް ފީފާއިން އިޖާބަ ނުދީ މި ފަހުން ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ރަޝިޔާ ސަސްޕެންޑްކުރިއިރު އިޒްރޭލް ސަސްޕެންޑް ނުކުރެވުނީ ޓްރަމްޕް ކޯފާވެދާނެތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ކޮމެންޓު ފޮނުވާ