2007 ވަނަ އަހަރުން ފެށިގެން އުފަންވި ފަރާތްތަކަށް ދުންފަތުގެ ބާވަތްތައް މަނާކުރާ ޖެނެރޭޝަން ބޭން އަށް މިއަދު ރާއްޖޭގައި ޢަމަލުކުރަން ފަށައިފިއެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މޭ މަހު ގެނައި އިސްލާޙުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު މިހާރު އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ޖީލަކަށް ދުންފަތް ބޭނުންކުރުމާއި ވިއްކުން މުޅިން މަނާވެގެންދާއިރު، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ކުޑަ އުމުރު 18 އަހަރުން 21 އަހަރަށް މަތިކޮށްފައިވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކެންސަރު ފަދަ ގައިންގަޔަށް ނާރާބަލިތަކަށް މީހުން ހުށަހަޅައި މަރަށް ދާން މެދުވެރިވާ އެއް ބޮޑު ސަބަބެވެ. އަހަރަކު ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ މިފަދަ ބަލިތަކުން މަރުވާ މީހުންކަމަށް ހެލްތު ސްޓެޓިސްޓިކްސް 2022 ދައްކައެވެ. ކުރިއަށް އޮތް ޖީލުތަކަށް ދުންފަތުން ދުރުހެލިވެވޭނެ މާހައުލެއް ބިނާކުރުމަށް، ސްކޫލް އުމުރުފުރައިގެ 45 ޕަސެންޓް ކުދިން ދުންފަތް ނުވަތަ ނިކޮޓިން އިސްތިޢުމާލުކުރާ މިހާރުގެ ހާލަތަށް ބަދަލު ގެނައުމަކީ މުހިންމު ކަމެކެވެ.
މި ގާނޫނީ އިސްލާހުން 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތަކަށް ހެދުމަށް މަގުފަހިކުރާއިރު، ސަރުކާރުން ޞިއްޙީ ޚިދުމަތްތަކަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކޮށް، ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކުރުން މި ފިޔަވަޅުގެ ބޭނުމުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ