ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ދުވަހުގެ ހެނދުނު އޭނާއަށް ހޫނު މަރުޙަބާ ދަންނަވައިފި އެވެ. މި ދަތުރުފުޅުގައި އިންފަންޓީނޯ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވާނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ރައީސް މުޢިއްޒު އާއި އިންފަންޓީނޯ ބައްދަލު ކުރާ ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. ފީފާ ރައީސްގެ ހައިސިއްޔަތުން އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ މިއީ ފުރަތަމަ ފަހަރަށެވެ. ނަމަވެސް 2022 ވަނަ އަހަރު ޤަތަރު ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ ޗުއްޓީ ހޭދަކުރުމަށް ނުރަސްމީ ގޮތުން ރާއްޖެ ވަޑައިގެންފަ އެވެ. މީގެ ކުރިން ފީފާ ރައީސަކު ރާއްޖެ ވަޑައިގެންފައިވަނީ 2006 ވަނަ އަހަރު ސުނާމީ ކާރިސާއަށްފަހު ސެޕް ބްލެޓާ ވަޑައިގެންނެވި ފަހަރު އެވެ.
ކޮމެންޓު ފޮނުވާ