ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފިއެވެ. އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ކުރައްވާ މި އެއް ދުވަހުގެ ދަތުރުގައި އިންފަންޓީނޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީއާއި ގުޅޭ މުހިންމު ކަންކަމުގައި މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުގައި ފީފާގެ ރައީސްގެ ޝަރަފުގައި ގަލޮޅު ދަނޑުގައި ޚާއްސަ ފުޓްބޯޅަ މެޗެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ރާއްޖޭގެ އެކަޑަމީތަކާއި ޒުވާން ޓީމުތަކުގެ ކުޅުންތެރިން ކުޅެ، ފުޓްބޯޅައަށް ރާއްޖޭގެ ޒުވާނުންގެ މެދުގައި އޮންނަ ޝައުގުވެރިކަން ދައްކައިދޭނެއެވެ. އިންފަންޓީނޯ ފުޓްބޯޅައިގެ ތަޖުރިބާކާރުން، ކުލަބްތަކާއި ފުޓްބޯޅައާ ގުޅުންހުރި ފަރާތްތަކާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްއިން ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅަ ދިރުވައި ކުރީގެ ފޯރި އަލުން ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވުމަށް ކުރައްވާ ޒިޔާރަތެއް ކަމަށެވެ. ދާދި ފަހުން ޒިއުރިކުގައި އިންފަންޓީނޯ އާ ޠާރިޤު ބައްދަލުކުރެއްވުމަށްފަހު، ސައުތު އޭޝިއަން ސުޕަކަޕްގައި ރާއްޖެއިން ހޯދި ކާމިޔާބީއާއި އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްޤީކޮށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، އެފްއޭއެމްގެ ރައީސް ޠާރިޤުގެ މަސައްކަތަށް އިންފަންޓީނޯ ވަނީ ތައުރީފުކުރައްވާފައެވެ. ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގަންނަވަނީ މިއީ ދެވަނަ ފަހަރެވެ. 2006 ވަނަ އަހަރު ފީފާގެ ރައީސް ސެޕް ބްލެޓާ ސުނާމީއަށް ފަހު ރާއްޖެއަށް ޒިޔާރަތެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ