އަލީބާބާ ވޯކްޝޮޕުގައި އުރީދޫ މޯލްޑިވްސް ސަޕޯޓިން ޕާޓްނަރެއްގެ ގޮތުން ބައިވެރިވެއްޖެ

އަލީބާބާ ވޯކްޝޮޕުގައި އުރީދޫ މޯލްޑިވްސް ސަޕޯޓިން ޕާޓްނަރެއްގެ ގޮތުން ބައިވެރިވެއްޖެ

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 02:38
0

ބައިނަލްއަޤްވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ވިޔަފާރިތައް ދުނިޔޭގެ މާކެޓްތަކަށް ވާސިލުކުރުވުމަށް ބޭއްވުނު އަލީބާބާ ވޯކްޝޮޕުގައި، ސަޕޯޓިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ދުނިޔޭގެ އީ-ކޮމާސް ދާއިރާގެ ކުރީ ސަފުގައި ތިބި އަލީބާބާއިން އިންތިޒާމުކޮށްގެން ބޭއްވި މި ވޯކްޝޮޕުގައި 260 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ބައިވެރިވިއެވެ. ބާސެލޯ ނަސަންދުރަ މާލޭގައި ބޭއްވި މި ޕްރޮގްރާމް އޮންލައިންކޮށް ވެސް މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ވޯކްޝޮޕުގައި ބައިވެރިންނަށް އަލީބާބާ.ކޮމް ފަދަ ބައިނަލްއަޤްވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދުނިޔޭގެ މާކެޓްތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި، ޓެކްނިކަލް މަޢުލޫމާތު އަދި ވަސީލަތްތައް ހިއްސާކުރެވުނެވެ. މީގެ އިތުރުން ރާއްޖޭގެ ޚާއްޞަ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމަށް ބޭނުންވާ ހުނަރުތަކާއި ނޮލެޖް ވެސް ފޯރުކޮށްދެވުނެވެ.

އުރީދޫ މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ވިޔަފާރިވެރިން ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ ޚާއްޞަ މުދަލާއި ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް އިތުރުކުރުމަކީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ބޭނުމެވެ. މީގެ އިތުރުން، އޮންލައިން ވިޔަފާރި ފުޅާކޮށް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

ޑިޖިޓަލް އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ޕާޓްނަރެއްގެ ގޮތުގައި އުރީދޫއިން ދަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ޙައްލުތަކާއި ޕާޓްނަޝިޕްތައް ރާއްޖެއަށް ތަޢާރަފްކޮށްދެމުންނެވެ. ގްލޯބަލް ޑިޖިޓަލް މާކެޓްޕްލޭސްގައި ދިވެހި ވިޔަފާރިތަކަށް ކާމިޔާބު ހޯދުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ވެސް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.