އަލީބާބާ މެދުވެރިކޮށް ދިވެހި އުފެއްދުންތައް މުޅި ދުނިޔެއަށް ވިއްކުމުގެ ފުރުޞަތު ހުޅުވިގެންދަނީ

އަލީބާބާ މެދުވެރިކޮށް ދިވެހި އުފެއްދުންތައް މުޅި ދުނިޔެއަށް ވިއްކުމުގެ ފުރުޞަތު ހުޅުވިގެންދަނީ

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 02:36
0

ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި ވިޔަފާރި ކުރުމުގެ އާ ދޮރެއް ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމް އަލީބާބާއާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ މަސައްކަތު ބައްދަލުވުމާއެކު ހުޅުވިގެން ހިގައްޖެކަން ގިނަ ބަޔަކު ފާހަގަ ކޮށްފިއެވެ. 700 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި މި ބައްދަލުވުމަކީ ރާއްޖޭގައި މިފަދަ ކަމަކަށް ބޭއްވުނު އެންމެ ބޮޑު ބައްދަލުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ވަޢުދާއެކޭ އެއްގޮތަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިކަން ހާސިލުވީއެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށްވާ އެކަށީގެންވާ މާކެޓެއް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަލީބާބާ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕަބްލިކް އެފެއަރސް ޖޮންގް ޓާއޯ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ޑިމާންޑް އިތުރުކޮށް، އާ މާކެޓުތައް ހޯދައިދިނުމަށް އެކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ. ދުނިޔޭގެ 200 ޤައުމަކަށް ޚިދުމަތް ދޭ އަލީބާބާގައި 50 މިލިޔަން ކަސްޓަމަރުން ރަޖިސްޓްރީވެފައިވާއިރު، 200،000 ސަޕްލަޔަރުން ހަރަކާތްތެރިވަމުން ދެއެވެ. 7600 ކެޓަގަރީގައި 200 މިލިޔަނަށްވުރެ ގިނަ އުފެއްދުންތައް މިހާރު ލިސްޓްކުރެވިފައިވެއެވެ.

ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާއިން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި އޭއައި ޓޫލްސް ބޭނުންކޮށްގެން އުފެއްދުންތައް އިޝްތިހާރުކުރުމާއި މާކެޓްކުރުން ހިމެނެއެވެ. އޭއައި ސްމާޓް އެސިސްޓެންޓް މެދުވެރިކޮށް އުފެއްދުންތައް ކަސްޓަމަރުންގެ މެދުގައި މަޤްބޫލުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޑޭޓާ އެނަލިޓިކްސް ބޭނުންކޮށްގެން އެންމެ ފަހުގެ ޓްރެންޑުތައް ދެނެގަނެ، އުފެއްދުންތައް ތަރައްޤީކުރުމަށްވެސް މަގުދައްކައިދޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނަށް އެކަނި ނޫން، ޑިޒައިނަރުންނަށްވެސް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް، އުފެއްދުންތައް އުފައްދައި ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ބައްދަލުވުމުގައި ޕްލެޓްފޯމާ ގުޅުމާއި، އުފެއްދުންތައް ލިސްޓްކުރުމާއި، އިޝްތިހާރުކުރުމާއި، އެހެން އުފެއްދުންތެރިންނާ ގުޅިގެން މަސައްކަތްކުރުމުގެ ތަފްސީލު މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ސަރުކާރުން ކަށަވަރުކޮށްދިނެވެ. މޯލްޑިވްސް ޕޯސްޓުން ލޮޖިސްޓިކްސް ޚިދުމަތް ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލު ހިއްސާކުރިއެވެ. ބޭރުން ލިބޭ ފައިސާ ބަލައިގަތުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްއިން ޚާއްޞަ އިންތިޒާމުތައް ހަމަޖައްސާފައިވާކަންވެސް ވިޔަފާރިވެރިންނާ ހިއްސާކުރެވުނެވެ.

ސަރުކާރުގެ ލަނޑުދަނޑިއަކީ ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ކްރިއޭޓިވް އިންޑަސްޓްރީ ނުވަތަ އުފެއްދުންތެރިކަމުގެ ސިނާޢަތަށް ހެދުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް ބޭރުގެ މާކެޓުތަކަށް ދިވެހި އުފެއްދުންތައް އެކްސްޕޯޓުކުރުން ނުހަނު މުހިންމުކަމަށް ސަރުކާރުން ބަލައެވެ. އަލީބާބާއާ ގުޅިގެން ފަށާ މި މަސައްކަތުން ދިވެހި އުފެއްދުންތެރިންނަށް މިހާތަނަށް ފަހިވެ ހުޅުވިގެންދިޔަ އެންމެ ބޮޑު މާކެޓަށް ވާނުމުގެ އިތުރުން، އުފެއްދުންތެރިކަމުގެ އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމަށް އުއްމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.