ރާއްޖެއަށް 72 ކިލޯގްރާމްގެ ޑައިމޯފިން އެތެރެކުރި މައްސަލައިގައި ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އިއްޔެއެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކުރި މައްސަލައެކެވެ.
ކުރިމިނަލް ކޯޓުން ދައުވާ ސާބިތުނުވާ ކަމަށް ނިންމީ ސ. ހުޅުދޫ އިރުފާން ތަގިއްޔު، ކ. މާލެ މުހައްމަދު އަކްރަމް އަދި ދ. މާއެނބޫދޫ އަހުމަދު ނަސީރުގެ މައްޗަށެވެ. ދައުލަތުން ބުނި ގޮތުގައި އިރުފާނަކީ މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާއެވެ. އަދި ޑްރަގް އުފުލި ކާރަކީ އަކްރަމްގެ ބެލުމުގެ ދަށުގައިވާ ކާރެއް ކަމަށާއި، ޑްރަގް ގެނައި ދޯންޏަކީ ނަސީރު ދުއްވި ދޯންޏެއް ކަމަށް ދައުލަތުން ބުންޏެވެ.
މި މައްސަލަ ބެލި ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި، ދައުލަތުން ހުށަހެޅި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި ބޮޑު މައްސަލަތަކެއް ހުރި ކަމަށެވެ. މުހައްމަދު އަކްރަމްގެ ފޮޓޯ ކަމަށް ބުނެ ހުށަހެޅި ފޮޓޯއަކީ ހަގީގަތުގައި ރ. އިނގުރައިދޫ އަހުމަދު ވިޝާމްގެ ފޮޓޯއެއް ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. މިކަމުން އެ ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދި އިތުބާރު ގެއްލިފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުން ހުށަހެޅި ފޯން ކޯލް ޗާޓުތައް ތައްޔާރުކުރި ފަރާތް ސާފުކޮށް ނުދޭ ކަމަށާއި، ފޯން ކޯލްތައް ރިކޯޑުކުރުމަށް ބޭނުންވާ ކޯޓު އަމުރެއް ހޯދާފައިވާކަން ސާބިތުކޮށްދީފައި ނުވާ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މޯބައިލް ފޮރެންސިކް ރިޕޯޓުތަކުން މި މައްސަލައާ ގުޅޭ އެއްވެސް މުހިންމު މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން ސާބިތުކޮށްދޭ އިތުރު ހެއްކެއް ނެތް ކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ. އަދި އިރުފާނާއި އަކްރަމްގެ ގެތަކުން ފެނުނު ތަކެއްޗާއި 72 ކިލޯގެ މަސްތުވާތަކެތި ގުޅުވައިލެވޭ ގޮތެއް ދައުލަތުން ސާފުކޮށްދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.
މި ސަބަބުތަކާހުރެ، ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ، އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރިއެވެ. މި ހުކުމަކީ ބޮޑު މައްސަލައެއްގެ ނިންމުމެއް ކަމުން، ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމީ ކަމަށް ގަބޫލުކުރެވެއެވެ.
ކޮމެންޓު ފޮނުވާ