ހުޅުމާލެ ޗައިނާ ފްލެޓެއްގައި ހިނގު އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ހުޅުމާލެ ޗައިނާ ފްލެޓެއްގައި ހިނގު އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

Author
ހުސައިން
13 ޖުލައި 2025 04:06
0

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ޗައިނާ ފްލެޓްތަކުގެ ތެރެއިން އެޕާޓްމަންޓެއްގައި މިއަދު އަލިފާން ރޯވެ، ބޮޑު ގެއްލުންތަކެއް ލިބުމާއި ގުޅިގެން، މި ހާދިސާގެ ސަބަބުން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާސް މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މައުލޫމާތު ދީފައެވެ.

އަޒީޒާ މިސްކިތް ކައިރީގައި ހުންނަ 94 ނަންބަރު ފްލެޓުގައި ހިނގި މި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެޕާޓްމަންޓަކީ 11 ބިދޭސީން ދިރިއުޅެމުން އައި ތަނެއް ކަމަށާއި، އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތް ކަމުން، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެންޑީއެމްއޭއިން ދިން މައުލޫމާތުގައި ވަނީ، އަލިފާނުގެ ސަބަބުންނާއި، ދުމާއި ފެނުގެ އަސަރުކުރުމުގެ ސަބަބުން ހަތަރު އެޕާޓްމަންޓަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މިގޮތުން ގެއްލުން ލިބުނު އެޕާޓްމަންޓްތަކުގައި ދިރިއުޅުނު 21 މީހަކަށް މިވަގުތު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ބިނާކޮށްފައިވާ މި ފްލެޓްތަކަކީ އަސްލުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ދިވެހި އާއިލާތަކަށް ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަން ކަމުގައި ވިޔަސް، މިފަދަ ފްލެޓްތައް ބިދޭސީންނަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. މީގެ އިތުރުން، ފްލެޓްތަކަށް ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދައްކައި މާ ގިނަ ދުވަސްތަކެއް ވުމަކީ ވެސް މިފަދަ ފްލެޓްތަކުގައި އާންމުކޮށް ދިމާވާ މައްސަލައެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ހުރި އެތައް އާއިލާތަކަކަށް އަދިވެސް ފްލެޓް ނުލިބި ދިގު ލިސްޓުތަކުގައި މަޑުކުރަމުން ދާއިރު، ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތައް މިގޮތަށް ކުއްޔަށް ދިނުމަކީ ގިނަ ބަޔަކު ފާހަގަކުރާ ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.