ޔުމްނުގެ މައްސަލައިގައި މުޒާހަރާ ކުރި ދެ ޒުވާނުންނަށް ދައުވާކުރީ ނަސޭހަތުގެ އެއްބަސްވުމަށް އިންކާރު ކުރުމުން: ޕީޖީ

ޔުމްނުގެ މައްސަލައިގައި މުޒާހަރާ ކުރި ދެ ޒުވާނުންނަށް ދައުވާކުރީ ނަސޭހަތުގެ އެއްބަސްވުމަށް އިންކާރު ކުރުމުން: ޕީޖީ

Author
ހުސެއިން
03 ޖުލައި 2025 09:40
0

މިދިޔަ އޭޕްރީލް މަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓި ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރި މުޒާހަރާގައި ބައިވެރިވި އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ބުނި ގޮތުގައި، މި ދެ ޒުވާނުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ދިންނަމަވެސް، އެ ހުށަހެޅުން ދެ މީހުން ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ދައުވާ ކުރުމަށް ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްޒޫމްގެ މައްޗަށް ކުރި ދައުވާގައި ތުހުމަތު ކުރެވެނީ، މުޒާހަރާ ކުރަމުން ދިޔަ ވަގުތު ފުލުހުން އަޑުގަދަ ކުރާ ނެގިއިރު، ފުލުހެއްގެ މޭމަތީގައި ކަނާއަތުން އަޅައި ކޮށްޕާލި ކަމަށެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުން ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އޭނާ ތުހުމަތު ކުރެވެނީ ފުލުހުންގެ ސަފު ރޫޅާލައި، ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ދައުވާ ކުރިނަމަވެސް އަދިވެސް މި ދެ ޒުވާނުންނަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަކީ އެމީހުންގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.