ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމުގެ ދަށުން ޓެގު އެޅުވުމަށްފަހު މިހާތަނަށް 9 މީހަކު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާން އަހުމަދު ޝަފީއު އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އިލެކްޓްރޯނިކް ޓެގު އަޅުވައިގެން ބަންދުން ދޫކޮށްލުމަށް އެދި މިހާތަނަށް 121 ފޯމެއް ހުށަހަޅާފައިވެއެވެ. މި ފޯމްތަކުގެ ތެރެއިން ފުލުހުންގެ އެސެސްމަންޓު ނިމިފައިވަނީ 29 ފޯމެކެވެ.
ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު 20 މީހަކު ދޫނުކުރުމަށް ނިންމާފައިވާއިރު، ދޫކުރުމަށް ނިންމާފައިވަނީ 9 މީހެކެވެ. އަދި 92 ފޯމެއް އެސެސްމަންޓު ހެދުމަށް ބާކީ އޮތްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން ބަންދަށް ލުއި ލިބޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުޑަ ބާވަތުގެ ކުށްތަކުގެ ތުހުމަތުގައި ތިބޭ މީހުންނަށެވެ. ކުޑަކުދިންނާ ދެކޮޅު ޖިންސީ ކުށްތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތީގެ ބޮޑެތި ޓްރެފިކިން މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް މި ލުއި ނުލިބޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގައި ޖާގައިގެ ދަތިކަން ހުރި މިންވަރަށް، މި ޕްރޮގްރާމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ލުއިވެ، ބަންދުގައި ތިބޭ މީހުންނަށް ރަނގަޅު ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް ޕީޖީ އޮފީހުން އުންމީދުކުރެއެވެ.
ޕީޖީ އޮފީހުގެ އަމާޒަކީ ޝަރީޢަތް ހިންގޭ މުއްދަތުގައި މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ފުރިހަމަ އަދި ދާއިމީ ޙައްލެއް ހޯދުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ