ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ތަހައްމަލުކުރަން ޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އެ ހާދިސާއިން އެފަރާތުގެ ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް ހުށަހަޅާ ބަޔާނެކެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނިންމި މައްސަލައެއްގައި ކުޑަކުއްޖަކަށް ދިގު މުއްދަތެއްގެ ތެރޭގައި ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ، ޕީޖީ އޮފީސް މެދުވެރިކޮށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް ކޯޓަށް ހުށަހަޅައި، އޭނާގެ ދިރިއުޅުމަށް ކުރި އަސަރު އަސަރުގަދަ ގޮތެއްގައި ބަޔާންކޮށްދީފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މި ބަޔާން ކޯޓުގައި އިއްވައިދީފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްމާސް މުބާރިކެވެ. އެ އޮފީހުން ފާހަގަކުރި ގޮތުގައި، ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އޭނާގެ ބަސް އިއްވުމުގެ ފުރުސަތު ދިނުމަށް އެދުމުން، ކޯޓުން އެ ފުރުސަތު ދިނުމުން އެކަމަށް ޕީޖީ އޮފީހުން މަރުޙަބާ ކިޔާފައިވެއެވެ.
"މި އޮފީހުން މި ގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ" ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޖިނާއީ މައްސަލަތަކުގައި ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމުގެ އިތުރުން އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން ބާރުވެރިކުރުވުމެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، އެފަރާތްތަކަށް ތަސައްލީ ހޯދައިދިނުމަށް ޓަކައި ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ