މުހިންމު މަސައްކަތެއް ކުރުމާ ގުޅިގެން ހިޔާގެ އެއްވަނަ ޓަވަރުން މިއަދު ވަގުތީގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ތަފާތު ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެންނެވެ. މި ގޮތުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް، އެއްވަނަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް ބައިގަޑިއިރަށް ކަރަންޓު ކެނޑޭނެއެވެ.
"މި މަސައްކަތާ ގުޅިގެން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން" ސްޓެލްކޯއިން ބުނެއެވެ.
ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7,000 އެޕާޓްމަންޓު ހިމެނެއެވެ. އަދި މަސައްކަތް ކުރިއަށްދާނީ އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށްވާތީ، އެހެން ޓަވަރުތަކުގެ ކަރަންޓު ކެނޑޭނެ ދުވަސްތައް އަންގާނެ ކަމަށް ބެލެވެއެވެ.