ހިޔާ ފްލެޓު ޓަވަރުތަކުގައި އަލަށް ޤާއިމްކުރާ ލިފްޓުތައް ބޭނުންކުރަން ނޮވެންބަރު މަހު ފެށޭނެ: އެޗްޑީސީ

ހިޔާ ފްލެޓު ޓަވަރުތަކުގައި އަލަށް ޤާއިމްކުރާ ލިފްޓުތައް ބޭނުންކުރަން ނޮވެންބަރު މަހު ފެށޭނެ: އެޗްޑީސީ

ގުޅުންހުރި

ހިޔާ ފްލެޓު ޓަވަރުތަކުގައި އަލަށް ޤާއިމްކުރާ ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމައި، ނޮވެންބަރު މަހު ބޭނުންކުރަން ފެށޭނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ވަނީ 4 ފްލެޓެއްގައި ލިފްޓު ހަރުކޮށް ނިންމާފައި ކަމަށާއި، ބާކީހުރި ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ހިޔާގެ ފުރަތަމަ ދެ ޓަވަރުގައި ޤާއިމުކޮށްފައިވާ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށާއި، ޓަވަރު 3 އަދި 4 ގައި ޤާއިމުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ކޮންމެ ހިޔާ ޓަވަރެއްގައި އިތުރަށް 2 ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމަށް މަސައްކަތް ކުރަމުންދަނީ ބައެއް ގަޑިތަކުގައި އެތައް އިރެއް ވަންދެން އެޕާޓްމަންޓަށް ނުދެވި މީހުން ތިބެންޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއެވެ. ކޮންމެ ލިފްޓަކަށް އެއްފަހަރާ 16 މީހުންނަށް އެރެވޭނެއެވެ. ޝަހީދު ވިދާޅުވި ގޮތުގައި މުޅި މަޝްރޫޢުގެ 58 އިންސައްތަ ނިމިފައިވާ އިރު، މަސައްކަތަށް ބޭނުންވާ 75 އިންސައްތަ ތަކެތި މިހާރު ރާއްޖެ ގެނެވިފައިވެއެވެ. އަދި ބާކީ ތަކެތި 45 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ހިޔާގެ 16 ޓަވަރުގައި ހަރުކުރާ އިތުރު 2 ލިފްޓު ފަރުމާކޮށްފައިވަނީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ