ރައީސް މުއިއްޒު ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައްޔިތުނަށް އީދުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް މުއިއްޒު އާންމު ކުރެއްވި ވީޑިއޯގައި ވަނީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުތައްވައިފިއެވެ.
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުންކަމުހައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ މީހަކުވެސް ޚާއްޞަކޮށް، ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންފައިވެއެވެ. ހަމައެއާއެކު ސަރުކާރުންވެސް މަސައްކަތްކުރައްވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ދުވަހާގުޅޭ ޝުޢޫރުފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައިވެސް އެމަނިކުފާނުވަނީ ރޯދައިގެ މަތިވެރި އަޅުކަން ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާ ތަކުރާރު ކުރައްވައި، ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.