މާދަމާ ވާނީ ރަމަޟާން މަހުގެ ތިރީސްވަނަ ދުވަސް ކަމަށާއި، އެހެންނަމަވެސް އިސްލާމީ އެހެން ޤައުމަކުން ހަނދު ފެނި ރާއްޖެއަށް ހަނދުލައްވައިފިނަމަ މާދަމާ ވާނީ ޢީދު ދުވަހަށް ކަމަށް ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ފިތުރު ޢީދު ފާހަގަކުރާނެ ދުވަހަކާމެދު ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރިން އެމަނިކުފާނު ވަނީ މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް މިއަދު އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ފަލަކީ ހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަށް އިރާއި ހަނދު އޮއްސެނީ އެއްވަގުތެއްގައި ކަމަށެވެ. އެއީ 18:14 ގައި ކަމަށްވެސް ވިދާޅުވިއެވެ. މިހެންވުމުން އިރު އޮއްސުމަށްފަހު އުދަރެހުގައި ހަނދެއް ނުހުންނާނެކަމަށާއި، އެހެންކަމުން މާދަމާ ވާނީ ރަމަޟާން މަހުގެ ތިރީސްވަނަ ދުވަހަށް ކަމަށެވެ. ނަމަވެސް އިސްލާމީ އެހެން ޤައުމަކަށް މިރޭ ހަނދު ސާބިތުވެގެން ރާއްޖެއަށް ހަނދުލައްވައިފިނަމަ، މާދަމާ ވާނީ ޢީދު ދުވަހަށް ކަމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ.