އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ފަހަތުން އަރައި ސައުތެމްޓަން ބަލިކުރި މެޗުގައި ދެ ގޯލު ޖެހި އެޑިންސަން ކަވާނީ މެޗަށް ފަހު އިންސްޓަގްރާމްގައި ކުރި ނަސްލީ ތަފާތުކުރުމާ ގުޅޭ ޕޯސްޓުގެ މައްސަލައިގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ.
މައްސަލަ ބެލުމަށް ފަހު ކަވާނީ އަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ. އެ ނިންމުމަށް ފަހު މިއަދު އެފްއޭ އިން ވަނީ ކަވާނީ ކުރިއަށް އޮތް ތިން މެޗަށް ސަސްޕެންޑްކޮށް އެއްލައްކަ ޕައުންޑުން ޖޫރިމަނާކޮށްފައެވެ. ކަވާނީ ހޫނުފެނަށް ވެއްޓުނީ ގާތް މީހަކު ކޮށްފައިވާ ޕޯސްޓެއް ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރިއިރު ބޭނުންކުރި ބަސްތަކެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި “ކުޑަ ކަޅު މީހެއް” ކަމަށް މަޖާޒީ ގޮތަކަށް ބުނުމުން އެވަގުތުން ފެށިގެން އޭނާ އަށް އައީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ފާޑުކިޔުންތަކާ އެކު ކަވާނީ ވަނީ ހަމަ އެވަގުތު ޕޯސްޓް ޑިލީޓްކޮށް އެއީ ސަމާސާއެއް ގޮތަށް ބޭނުންކުރި ބަސްތަކެއް ކަމަށް ބުނެ މާފަށް އެދިފަ އެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން ނިންމީ އެއް މައްސަލައިގެ ތަހުގީގަކަށް ދިއުމަށެވެ.
ސަސްޕެންޝަނުގެ ސަބަބުން ޔުނައިޓެޑްގެ ކުރިއަށް ހުރި މުހިއްމު މެޗުތަކެއް ކަވާނީ އަށް ގެއްލޭނެ އެވެ. އެއީ މާދަމާ ރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗާ ޖެނުއަރީ 6 ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް މެޗުގެ އިތުރުން އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ޖެނުއަރީ 9 ވަނަ ދުވަހު ވެޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޮމެންޓު ފޮނުވާ