މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ. ގައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެފައިވަނީ ފިތުރު އީދު ދުވަސް ވާނީ މި މަހުގެ 31 ވަނަ ދުވަހަށް ކަމަށެވެ. އެހެންނަމަވެސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ އީދު ދުވަސް ވާނީ މާރިޗު 30 ވަނަ ދުވަހަށް ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށެވެ.
ޑރ. ހަސަން ހަމީދު "އީދު ހަނދު ފެނުމާއި ރޯދަ މަހުގެ ހަނދު ސާބިތުވި ގޮތް" މި ނަމުގައި ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ މި އަހަރު ރޯދަމަހުގެ ހަނދު ރާއްޖެއަކަށް ނުފެނުނު ކަމަށެވެ. އޭނާގެ ދިރާސާއިން ދައްކާގޮތުގައި މުޅި އޭޝިއާ ބައްރަށް މާރިޗު 29 ގައި ޝައްވާލު މަހުގެ ހަނދެއް ނުފެންނާނެއެވެ. އެހެންކަމުން ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދު ދުވަހަކަށް ނުވާނެ ކަމަށާއި، ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަސް ކަމަށް ހަސަން ލިޔުއްވާފައިވެއެވެ.
އެހެންނަމަވެސް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާ، މިޞުރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މާރިޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މައުމޫން ބަޔާންކުރައްވާފައިވާ ގޮތުގައި މާރިޗު 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށާއި އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީވެސް ހަމަ އެގަޑީގައި ކަމަށެވެ. "އެހެންކަމުން، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ," މައުމޫން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
މިހާތަނަށް ރަސްމީކޮށް ރާއްޖޭގެ އީދު ދުވަސް ވާނެ ތާރީޚެއް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ޢިލްމުވެރިންގެ މެދުގައި ފިތުރު އީދު ދުވަހާ ގުޅޭގޮތުން މި ޚިޔާލު ތަފާތުވުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ.