އީދު ހަވީރު 1446: މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފި

އީދު ހަވީރު 1446: މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފި

ގުޅުންހުރި

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި މާލޭގައި "އީދު ހަވީރު 1446″ ގެ ނަމުގައި ކުލަގަދަ ހަވީރެއް ބޭއްވުމަށް އެމްއެންޑީއެފުން ނިންމައިފިއެވެ. މި ހަފްލާގެ މަޤްޞަދަކީ އާއިލާތަކަށް އެކުވެރި މާޙައުލެއްގައި އީދު ސަލާމް ބަދަލުކޮށް، ހިތްހަމަޖެހޭ ވެށްޓެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސުލްޠާން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާން، ޖުމްހޫރީ މައިދާން އަދި ރަސްމީ ބޮޑު ފާލަމުގެ ސަރަޙައްދު ހިމެނޭގޮތަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއްގައެވެ. މި ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޑުކޮށްލުމުގެ އިންތިޒާމާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އީދު ހަވީރުގައި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި އީދު ހަދިޔާ ދިނުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއްވެސް ހިމެނޭނެކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މި ހަރަކާތް ކުރިއަށްދާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ.

އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުން ބައިވެރިވާ މި ހަވީރަކީ މާލޭގައި އީދު ދުވަހާ ގުޅުވައިގެން ބާއްވާ އެންމެ ބޮޑު އެއް ހަފްލާއެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިސްލާމީ މުހިންމު މި މުނާސަބަތުގައި ވީހާވެސް ގިނަ އާއިލާތަކެއް އެއްތަނަކަށް ގެނެސް އިޖުތިމާޢީ ރޫޙު އާލާކުރުމާއި ޚާއްޞަކޮށް ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ފޯރުކޮށްދިނުންކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ