ސަރުކާރުން ދިވެހިރާއްޖޭގައި "އުފާވެރިކަމުގެ މިންގަނޑު" އެކުލަވާލުމަށް މަސައްކަތް ފަށައިފިއެވެ. މި މިންގަނޑު އެކުލަވާލުމަށްޓަކައި 8 މައިގަނޑު ދާއިރާއެއް ކަނޑައަޅައި، އެކަމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގައި ބަލާނެ 8 ދާއިރާ ކަނޑައަޅާފައިވާ ކަމަށެވެ. އެދާއިރާތަކަކީ:
• އިސްލާމްދީނާ އެއްގޮތަށް އަމަލުކުރުން • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުން • އިގުތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން • ސިއްހަތާއި ދުޅަހެޔޮކަން • ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން • ސަގާފަތާއި އާދަކާދަ ދިރުވުން • އަމާންކަމާއި ރައްކާތެރިކަން • މުޖުތަމައުގެ ބަދަހި ގުޅުން
މީގެ ކުރިން، މިނިސްޓަރު ޝަރީފް ވަނީ އުފާވެރިކަމުގެ މިންގަނޑު ރާއްޖޭގައި ކަނޑައެޅުމުގައި އަންހެނުންގެ މަޝްވަރާ ވަރަށް މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ. މިކަން އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 200 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި ބައްދަލުވުމެއްގައެވެ.
ސަރުކާރުގެ މިޕްރޮގްރާމުގެ ދިރާސާތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް ދަ މޯލްޑިވްސް (އައިޔޫއެމް) އާ ކަމަށް މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅި، އާންމު ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.