ފީފާއިން އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ކޮންފަރެންސެއް ބާއްވަނީ

ފީފާއިން އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ކޮންފަރެންސެއް ބާއްވަނީ

ގުޅުންހުރި

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތުގައި ކްލަބްތަކާ އެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ފީފާއިން ތައްޔާރުވެއްޖެ އެވެ. އަންނަ އާދިއްތަ ދުވަހު ހެންވޭރު މީރުމާ ހޮޓެލްގައި ބާއްވާ މި ކޮންފަރެންސްގެ ދައުވަތު އެފްއޭއެމް މެދުވެރިކޮށް ކްލަބްތަކަށް ފީފާއިން ވަނީ ފޮނުވާފައެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި ކޮންފަރެންސްގައި ބައިވެރިވުމުގެ އެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ނުދިނުމަށް ފީފާގެ މަންދޫބުން ވަނީ ނިންމާފައެވެ.

ފީފާގެ މަންދޫބުން ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސީނިއާ ގަވަނެންސް މެނޭޖަރު އަހްމަދު ހައްރާޒެވެ. އޭނާގެ މަގާމުގެ މަސްލަހަތު ބޭނުންކޮށްގެން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ނިންމުންތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ހައްރާޒުގެ މައްޗަށް އޮތީ ކުރެވިފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމަށް މީހުން އައްޔަން ކުރުމުގައި ނޯމަލައިޒޭޝަން ކޮމިޓީއަށް އޮންނަ ހައިސިއްޔަތަށް އޭނާ ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ހައްރާޒުގެ ބަހެއް ހޯދުމަށް "މިހާރު" އިން މިދިޔަ މަހު އޭނާގެ ރަސްމީ އީމެއިލަށް ފޮނުވި ސުވާލުތަކަށް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެސް ފީފާގެ އިސް މަންދޫބެއްގެ ގޮތުގައި ހައްރާޒު ބައިވެރިވާނެއެވެ. މި ފަހަރުގެ ކޮންގްރެސްއަކީ، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރި ފަހުން އެ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަން އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

ކޮންގްރެސްގެ އެޖެންޑާގައި ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ ހޮވުމުގެ އިތުރުން މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުން ހިމެނިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ