ކަރަންޓު ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ސްޓެލްކޯގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދައްކާ މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، ތަފާތު އެކި ސަބަބުތަކާހުރެ ކަސްޓަމަރުންނަށް ބިލް ދައްކަން ދަތިވާނަމަ އެފަރާތްތަކަށްވެސް ލުއިފަސޭހަ ގޮތް އޮންނާނެ ކަމަށެވެ.
އެގޮތުން ބިލްގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ ސްޓެލްކޯގެ އެއްވެސް އިސް ފަރާތަކަށް ނުގުޅައި، ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް މުއްދަތު އިތުރުކުރުމަށް އެދެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި "ހަސަން ކުރުސީ" ގެ ނަމުން ހިންގަމުންދާ އެކައުންޓަކުން ފަހުމީ ޓެގްކޮށް ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުން، ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯއަކީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރާ، ގައުމަށް އިޚްލާޞްތެރި އަދި މަސައްކަތުގެ އަޚުލާޤާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތްކުރާ މުވައްޒަފުން ތިބި ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލައިގެން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައި ރައީސް މުޢިއްޒު ވަނީ އެކަން އިޢުލާންކުރައްވާފައެވެ. އެގޮތުން ކަރަންޓު ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމާފައިވާއިރު ފެން ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައެވެ.