އާންމު މަސްމަހަށްވުރެ ބިލް ބޮޑުނުވާނޭ ގޮތަށް އެޕްރީލްމަހުގެ ބިލްތަކަށް އެމްޑަބްލިޔުއެސްސީ އިން ޑިސްކައުންޓް ދޭނެކަން އެކުންފުނިން ހާމަ ކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާތީ 2025 އެޕްރިލްމަހު އެކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލްތައް "އާންމު މަހަކަށްވުރެ ބޮޑު ނުވާނޭ ގޮތުގެމަތިން" ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
އެގޮތުން ޑިސްކައުންޓް ދިނުމަށް ހަމަޖައްސާފައިވަ އުސޫލުތަކަކީ:
- "އާންމު މަހެއްގައި" ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މާރިޗް އަދި އެޕްރިލްމަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރެވެ.
- އެގޮތުން ކަނޑައެޅޭ "އާންމު މަހުގެ" ބިލްގެ މިންވަރަށްވުރެ އޭޕްރިލްމަހު ތައްޔާރު ކުރެވޭ ބިލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެޕްރިލްމަހު ފޮނުވާ ބިލުން އުނިކޮށް ދެވޭނެއެވެ.
- އެގޮތުން އުނިކޮށްދެވޭ މިންވަރަކީ އެޕްރިލްމަހު ފޮނުވާ ބިލްގެ %10 އަށްވުރެ ކުޑަ މިންވަރެއްނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށް ދެވޭނެއެވެ.
- 2025 އެޕްރިލްމަހު ފޮނުވާ ބިލް "އާންމު މަހުގެ" ބިލަށްވުރެ ކުޑަނަމަ، ޑިސްކައުންޓްގެ ގޮތުގައި އެޕްރިލްމަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެއެވެ.
- އެޕްރިލްމަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އެޕްރިލްމަހުގެ ބިލްކަމުގައި ވާނަމަ، އެފަދަ ފަރާތްތަކަށްވެސް އެޕްރިލްމަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނެފައިވަނީ މިކަމާބެހޭ ގޮތުން އިތުރުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމަށް ނުވަނަ އެކުންފުންޗަށް އީމެއިލް ކުރުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ.