މިއަދު ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ފުރަތަމަ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ތަގުރީރު ކުރައްވައިފިއެވެ.
މި ކޮންފަރެންސްގައި ނާޒިމް ވަނީ ހެޔޮވެރިކަމެއް ގާއިމުކުރުމަށްޓަކައި މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެށްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ތަޖުރިބާތައް ހިއްސާކޮށް، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.
ނާޒިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވުނު 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސްގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ މަންދޫބުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރު ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައިވެއެވެ.
މީގެއިތުރުން، ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މި ހުރިހާ ގޮންޖެހުންތަކަކީވެސް ގައުމީ އިންތައް ފަހަނައަޅައި، ބައިނަލްއަގްވާމީ މުޖުތަމަޢާ ގުޅިލާމެހިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވައި، މި ކަންކަމާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.