ލީބިޔާގައި، ބައިނަލް އަގުވާމީގޮތުން ތާޢީދު ކުރާ، ލީބިއަން ގަވަރމެންޓް އޮފް ނޭޝަނަލް އެކޯޑު (GNA)އަށް އެހީތެރިވެދިނުމުގެ ގޮތުން، ލީބިއާގައިތިބި ތުރުކީގެ ސިފައިންނަށް، ޚަލީފާ ހަފްތަރުއަށް ތާއީދުކުރާ ލީބިއަން ނޭޝަނަލް އާމީން ހަމަލާ ދީފިނަމަ، ވަރަށް ހިތިގޮތަކަށް ބަދަލު ހިފާނެކަމުގެ އިންޒާރު، ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކަރު ދެއްވައިފިއެވެ.
ހަފްތަރުގެ ހަގުރާމަވެރިންނަށް އޭނާ އިންޒާރު ދެއްވާފައިވަނީ، ލީބިޔާގައި ތިބި ތުރުކީގެ ސިފައިންނާ ބައްދަލު ކުރެއްވުމަށް، ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް އޭނާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޫންވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ތުރުކީގެ ޑިފެންސް މިނިސްޓަރު އަކަރު ވިދާޅުވިގޮތުގައި، ޚަލީފާ ހަފްތަރުގެ LNA އިން ތުރުކީގެ ސިފައިންނަށް ހަމަލާ ދީފިނަމަ، ތުރުކީގެ ބަދަލު ހިފުމުން ފިލަން އެމީހުންނަށް ދެވޭނެ އެއްވެސް ތަނެއް ނޯނާނެ ކަމުގައެވެ. އަދި ހުރިހާ ދިމާލަކުންވެސް، އެފަދަ ހާލަތެއްގައި އަންކާރާގެ އަމާޒަކަށް އެމީހުންގެ ވެގެންދާނެ ކަމުގައި އިންޒާރު އޭނާ ދެއްވިއެވެ.
އެތައް އަހަރެއް ވަންދެން، ޚަލީފާ ހަފްތަރުގެ LNA އާއި ހަގުރާމަ ކުރަމުންދާ، ބައިލަން އަގުވާމީގޮތުން ބަލައިގެންފައިވާ، އަދި ލިބިޔާގެ ވަރިރަށް ޓްރިޕޮލީގައި ގާއިމްވެފައިވާ، ލީބިއަން ނޭޝަނަލް އެކޯޑް (GNA)އަށް ބައިނަލް އަގުވާމީގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ ތުރުކީންނެވެ.
މިއަހަރު (GNA)އާއި LNA އިން ވަނީ ހަގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި އދ. އިން ދަނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ އާންމު އިންތިޚާބުގެ ކުރިން ސުލްހައިގެ ވާހަކަތައް ފެށުމަށް، މިދެފަރާރުންވެސް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.
2014 ވަނަ އަހަރަށްފަހު ލީބިޔާގެ ސަރަހައްދުތައް ވަނީ ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީ އާއި އަދި ބައިނަލް އަގުވާމީގޮތުން ބަލައިގެންފައިވާ ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއާއި ދެމެދު ބެހިފައެވެ.
ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް ބޮޑަށް މަޝްހޫރުވެގެން އައީ 2015 ވަނަ އަހަރު ޔޫއެން މެދުވެރިވެގެން އެކުލަވާލެވުނު ސުލްހައިގެ އެއްބަސްވުމަކަށްފަހު އުފެދިގެން އައި ސަރުކާރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ލީބިޔާގެ އިރުމަތީގައި އުފެދިފައިވާ ފެކްޝަންތަކުން މިސަރުކާރު ގަބޫލެއް ނުކުރެއެވެ.
ފާއިތުވެދިޔަ އަހަރު ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއިން ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ވަރުގަދަ ހަމަލާތަކެއް ފަށާފައެވެ. އެހެންނަމަވެސް ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއިން މިހަމަލާރައް ހުއްޓުވާ ޚަލީފާ ހަފަތަރުގެ އާރމީ ދުރަށް ޖައްސާފައި ވެއެވެ.
ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއަކީ ޔުނިައިޓެޑް އަރަބި އެމިރޭޓްސް، ރަޝިޔާ އަދި މިސްރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަތިޔާރު އެޅި ޖަމާއަތެކެވެ.