ރާއްޖޭގައި ވޭޕް މަނާކުރަން އުޅޭތީ މަޖިލިސް ދޮށުގައި މުޒާހަރާކޮށްފި

ރާއްޖޭގައި ވޭޕް މަނާކުރަން އުޅޭތީ މަޖިލިސް ދޮށުގައި މުޒާހަރާކޮށްފި

Author
އަހުމަދު
21 އޮކްޓޯބަރ 2024 04:37
0

ރާއްޖޭގައި ވޭޕް މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް އިދާރާތަކުން ފެށި ފަހުން ވޭޕް މަނާ ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ކައިރީގައި ޒުވާނުންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.

މަޖިލިސް ކައިރިއަށް އެއްވި މީހުން ބުނީ ވޭޕް މަނާ ކުރުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އެހެންވެ، ވޭޕް އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމަކަށް ހެދުމުގެ ބަދަލުގައި އެކަން ރެފިއުލޭޓް ކުރުމަށް އެމީހުން ގޮވާލާފައިވެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން 2024 ނޮވެމްބަރު 15 އިން ފެށިގެން މަނާކުރުމަށާއި، އަދި 2024 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް ރާއްޖޭގައި ވޭޕް މަނާކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

އުޝާމް ވިދާޅުވެފައިވަނީ މިއީ ޅަދަރިންނާއި ޒުވާނުންގެ އިތުރުން މުޅި ޤައުމުގެ ރައްޔިތުންގެ ހައްޤުގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދު ވަނީ މަޖިލިހަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އަށް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެ އަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށެވެ. އެ ބިލްގައި ބުނެފައި ވަނީ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސަތަ އާއި ސްޓިކާ އަކުން 8ރ. ނެގުމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލަތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން 8ރ. ނެގުމަށް ވެސް އިސްލާހުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.