ރާއްޖޭގެ ކަންކަން ބޭރުގެ އަތް މައްޗަށް ދޫކޮށް ނުލާނެ ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ގާބިލްކަން އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެން އެ ސިޓީގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އިން މިފަހުން އިންޑިއާއާ އެކުގައި ގާއިމުކުރި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ނުކުރާނެ ކަމަށެވެ. އަދިި ހުރިހާ ކަމެއް ވެސް އޮންނާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށާއި އެއްވެސް ކަމެއް އޮޅުވާލާފައި ނޯންނާނެ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން އިސް ކުރުމުގެ ސިޔާސަތެވެ. އެކަމަށް އިސްކަން ދޭނެ ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ. އެކަމުގައި ދިވެހިންގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އެހެން ގައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ރިވެތި އަހުލާގުގެ ތެރެއިން، ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އޮތީ ދާއިމީ ހައްލެއް އައިސްފައި. ކުރިއަށް އޮތްތަނުގައި ވެސް ނުތިބޭނެ." ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ވައުދު ފުރިހަމަ ކުރެއްވި ކަން ފާހަގަ ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގައި އިއުލާނު ކުރެއްވީ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" ކަމަށާއި އެ ލިޔުމަކީ ދިވެހީންނަށް ފެންނާނެ ލިޔުމެއް ކަމަށެވެ. އަދި އޭގައި ހުރިހާ ކަމެއް އޮންނާނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޑޮކިއުމެޓް ފެންނާނެ. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީހެން އޭގައި ނުހުންނާނެ ކަންކަމެއް."
އެ ލިޔުމުގައި އޮންނާނީ ރާއްޖޭގެ ގާބިލުކަން އިތުރުކުރާ ވާހަކަ ކަމަށާއި ބޭރުގެ ބައެއް މައްޗަށް ކަންކަން ދޫކޮށްލާ ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"އަމިއްލަ ކެޕޭސިޓީ ބިލްޑް ކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ގައުމުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ކަންކަމުގައި ކެޕޭސިޓީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރު ކޮށްގެން ކުރާ ވާހަކަ އޮންނާނީ،" ރައީސް ވިދާޅުވިއެވެ.