ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އިދިކޮޅު އެމްޑީޕީގެ ލަފާ ބޭނުންނުވާކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ. މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަކީ ގައުމު ބަނގުރޫޓުކޮށްލާފައި ވެރިކަމުން ފައިބައިގެން ދިޔަ ޕާޓީއެއްކަމަށެވެ. މިހާރު ޕީއެންސީ ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތްކަމަށާއި، ގައުމު ބަނގުރޫޓުކޮށްލި ބައެއްގެ ލަފަޔާއި މަޝްވަރާ ހޯދުމުން ކަންކަން ވާނީ ގޯސްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ޓީމަކީ ގާބިލު ޓީމެއްކަމަށާއި، އެ ޓީމަށް އެމްޑީޕީގެ ލަފައެއް ބޭނުންނުވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުވެސް މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. އޭނާ ފާހަގަކުރެއްވީ އެމްޑީޕީއަކީ އަދި އެ ޕާޓީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަޖެޓު ޑެފިސިޓު ދެ އަދަދަށް އެރުވި މީހުންކަމަށެވެ. އަދި އެ ބޭފުޅުންގެ ލަފައެއް ހޯދައިގެން އަނެއްކާވެސް ރައްޔިތުން ވެއްޓޭނީ ފުން އަނދަވަޅަކަށް ކަމަށާއި އެކަން ކުރައްވަން ބޭނުންފުޅުނުވާކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޕީއެންސީން މިފަދައިން ބުނެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުންވަނީ މާލީ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި ރައީސް ޑރ. މުއިއްޒުގެ ނާގާބިލުކަން ފެންނަމުންދާ ކަމަށް ބުނެ، އެ ޕާޓީން ސަރުކާރަށް ލަފާދޭން ހުށަހަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ