އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގައި އެޕާޓީގެ ޓިކެޓާއި ހަވާލުވުމަށް ތައްޔާރުވަމުންދާއިރި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށްވުރެ، ޚިޔާލު ހޯދުމުގެ ޕޯލްތަކުން ކުރިޔަށް ޖެހިލައިފިއެވެ.
ޝިކާގޯގައި ބޭއްވޭ މި ކޮންވެންޝަންގެ ކުރިން، ހެރިސް ވަނީ ޚިޔާލު ހޯދުމުގެ ޕޯކްތަކުން %3 އާއި 6% އާއި ދެމެދުގެ ތަފާތަކުން ޓްރަމްޕަށްވުރެ ކުރި ހޯއްދަވާފައެވެ. މި ނަތީޖާ ދައްކާފައިވަނީ އާދީއްތަ ދުވަހު އާންމުކުރި ދެ ސާރވޭއަކުންނެވެ.
އޭބީސީ ނިއުސް/ވޮޝިންގްޓަން ޕޯސްޓް/އިޕްސޯސް ސާރވޭގެ ނަތީޖާ ދައްކާގޮތުން، ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އޮތްނަމަ، ރަޖިސްޓްރީ ކުރެވިފައިވާ ވޯޓުދޭ މީހުންގެ މެދުގައި ހެރިސް ވަނީ 49-45 އިންސައްތައިން ކުރިއަށް ޖެހިލާފައެވެ. އަދި ވޯޓުލާނެކަމަށް ބެލެވޭ މީހުންގެ މެދުގައި 51-45 އިންސައްތައިން ކުރި ހޯއްދަވާފައެވެ.
ރޮބަޓް އެފް ކެނެޑީ، ކޯނެލް ވެސްޓް އަދި ޖިލް ސްޓީން ހިމެނޭ ފަސް ކެންޑިޑޭޓުންގެ ރޭހުގައި، ހެރިސް ވަނީ ޓްރަމްޕްއަށް ވުރެ ރަޖިސްޓްރީވެފައިވާ ވޯޓުދޭ މީހުންގެ މެދުގައި 47-44 އިންސައްތައިން އަދި ވޯޓުލާނެކަމަށް ލަފާކުރެވޭ މީހުންގެ މެދުގައި 49-45 އިންސައްތައިން ކުރި ހޯއްދަވާފައެވެ.
ސީބީއެސް ނިއުސްގެ ސާރވޭއިން ދައްކާގޮތުގައި ހެރިސް ވަނީ ޤައުމީ ފެންވަރުގައި 3 ޕޮއިންޓް ކުރިއަށް ޖެހި، ޓްރަމްޕްއަށްވުރެ 51-48 އިންސައްތައިން ކުރިޔަށް ޖެހިފައެވެ.
އިންތިޚާބުގެ ނަތީޖާއަށް އެންމެ މުހިންމު ކަމަށް ބެލެވޭ ހަތް ބެޓްލްގްރައުންޑް ސްޓޭޓްތަކުގައި – ޕެންސިލްވޭނިއާ، މިޝިގަން، ވިސްކޮންސިން، އެރިޒޯނާ، ޖޯޖިއާ، ނެވާޑާ އަދި ނޯތު ކެރޮލައިނާ – ހެރިސްއާއި ޓްރަމްޕް ވަނީ 50-50 އިންސައްތައިން އެއްވަރުވެފައެވެ.
މި ސާރވޭތަކަކީ ރައީސް ޖޯ ބައިޑެންގެ ރީ-އިލެކްޝަން ކެމްޕޭނަށް މަސްތަކެއް ވަންދެން ލިބެމުން އައި ދަށް ނަތީޖާތަކަށް ފަހު، ބައިޑްންގެ ބަދަލުގައި ހެރިސްގެ ވާދަކުރައްވަން ނިންމެވުމާއެކު ލިބިގެން ދިޔަ ކުރިއެރުމެއްކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ބައިޑެން ދެވަނަ ދައުރަކަށް ޚިދުމަތް ކުރެއްވުމުގެ ޤާބިލުކަމާމެދު ކަންބޮޑުވުންތަކެއް އުފެދުމާ ގުޅިގެން ވޭތުވެދިޔަ މަހު ރީ-އިލެކްޝަންގެ ވާދައިން ތަނާޒުލުވެ ވަޑައިގަތެވެ.
ހޮނިހިރު ދުވަހު ނެރެފައިވާ ނިއު ޔޯކް ޓައިމްސް/ސީނާ ކޮލެޖް ސާރވޭއިން ދައްކާގޮތުގައި ހެރިސް ދަނީ "ސަން ބެލްޓް" ސްޓޭޓްތައް ކަމުގައިވާ އެރިޒޯނާ، ޖޯޖިއާ، ނެވާޑާ އަދި ނޯތު ކެރޮލައިނާގައި ވާދަވެރި ކޮށ ޓްރަމްޕްއައި ވާދަކުރަމުންނެވެ. ބައިޑެން ޑިމޮކްރެޓިކް ނޮމިނީއަކަށް ހުންނެވިއިރު މި ސްޓޭޓްތައް ވަނީ ޓްރަމްޕްގެ ފަޅިއަށް ވަރަށް ބޮޑަށް ބުރަވެފައެވެ.
އާދީއްތަ ދުވަހު ޝިކާގޯއަށް ވަޑައިގަތުމުގެ ކުރިން، ހެރިސް ވަނީ ޕެންސިލްވޭނިއާގައި ކެމްޕޭން އިވެންޓްތަކެއް ބާއްވާފައެވެ. ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓް 2020 ގައި ޓްރަމްޕްގެ އަތުން ބައިޑެން ވަނީ ކާމިޔާބު ކޮށްފައެވެ.