އިނގިރޭސިވިލާތުން ކޮރޯނާވައިރަހުގެ އާ ވައްތަރެއް ފެނުމާއެކު އިނގިރޭސި ޕްރިމިއާ ލީގުންވެސް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
ވައިރަހުގެ އާ ވައްތަރެއް ފެތުރޭތީ އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ކުލަބުތަކުގެ ކުޅުންތެރިން ހަފުތާއަކު ދެ ފަހަރު ކޯވިޑަށް ޓެސްޓުކުރަންވެސް މިހާރު ވަނީ ނިންމާފައެވެ. މީގެ ކުރިން އެކުލަވާލާފައި އޮތް އުސޫލުގައިވާ ގޮތުން ކޮންމެ ކުލަބެއްގެވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހަފުތާއަކު އެއް ފަހަރު ކޯވިޑަށް ޓެސްޓްކުރާނެއެވެ. އަދި ޔޫރަޕުގައި ކުޅޭ ޓީމުތަކުން އެ މުބާރާތުގެ މެޗުތަކުގެ ކުރިން ޓެސްޓުކުރާނެއެވެ.
މީގެ ކުރިން ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ ދެވަނަ ފަހަރަށް އިންގްލެންޑް ލޮކްޑައުން ކުރިއިރު، އެ ލޮކްޑައުން ވަނީ މި މަހުގެ ދެވަނަ ދުވަހު ހަމަވެފައެވެ. އެއާއެކު ތިން ކެޓަގަރީއަކަށް ބަހާލައިގެން އިނގިރޭސި ސަރުކާރުން ވަނީ ދަނޑުތަކަށް ސަޕޯޓަރުން ވެއްދުމަށް ހުއްދަ ދީފައެވެ.
އެކަމަކު ކޮރޯނާވައިރަހުގެ އައު ސްޓްރެއިންއެއް ފެތުރޭތީ އިނގިރޭސި ސަރުކާރުން ވަނީ ހަތަރުވަނަ ކެޓަގަރީއެއް އެކުލަވާލާފައެވެ. އެއީ ވައިރަހުގެ އައު ސްޓްރެއިން އެންމެ އާންމު ސަރަހައްދުތަކަށެވެ. އެގޮތުން މި ވަގުތަށް ބަލާއިރު އެ ސަރަހައްދުގައި ހިމެނެނީ ޕްރިމިއާ ލީގުގައި ކުޅޭ ލަންޑަނަށް ނިސްބަތްވާ ކުލަބުތަކެވެ.
ކޮމެންޓު ފޮނުވާ