އެފްއޭއެމްއަށް ފީފާ އިން ފޮނުވި ފައިސާތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑު ކުރުމަށް ފީފާ އިން ނިންމައިފިއެވެ.
ފީފާ އިން ނިންމާފައި ވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް ސަސްޕެންޑު ކުރުމަށެވެ. އެއާއެކު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ބައްސާމަށް މަނާ ވާނެއެވެ.
ފީފާ އިން އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނީ ފީފާ އިން ދޭ ފައިސާ އަށް އެފްއޭއެމްގެ ވެރިން ހިޔާނާތްތެރިވާ މައްސަލައާ ގުޅިގެން ޕީޖީން އަންގައިގެން ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުއެވެ.
ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފައެވެ.
ޕީޖީން މީގެކުރިން ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރިއިރު، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 26، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެފްއޭއެމުން ނެގި ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.
މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ ބޭންކް އޮފް ސިލޯންގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. . މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް މީޑިއާގައި އޭނާ ވަނީ ތަކުރާރުކޮށް އިންކާރު ކުރައްވައިފަ އެވެ. އެފްއޭއެމްގެ ފައިސާގެ މައްސަލަ ތަހުގީގުކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށެވެ. މީގެ ކުރިން ތަހުގީގުގައި ފުލުހުން ވަނީ އެފްއޭއެމްގެ އިމާރާތަށް ވެސް ފާސްކޮށް، ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންގޮސްފަ އެވެ.