ގޮނޑުވެފައި އޮތް މާލެ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރަން ފަށައިފިއެވެ.
މި ތަން ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވަނީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އާއި ފުލުހުންނާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި ހައުސިން މިނިސްޓްރީ ބައިވެރިވެއެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުންް ، @MoCLPmv @MHLUDmv @WAMCOmv @PoliceMv @Portmv އާއި ގުޅިގެން ކުރިއަށް ދަނީ. އަޅުގަޑު އެދެނީ މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް. މިސާލަކަށް… pic.twitter.com/BUbpInWtuV
— Adam Azim (@adamazim) May 4, 2024
މާލޭގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އޭނާގެ އެދުމަކީ މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް މީހަކު ކުނި ނޭޅުމަށެވެ. އަދި މާލެ ސިޓީ ހަޑިވާ ޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"މިސާލަކަށް ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން." އާޒިމް ވިދާޅުވިއެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމަށް ފަހުގައި ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށެވެ. އިންޑަސްޓްރިއަލް ވިޖެލް ސާފުކުރަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ އާއި މާލެ ސަރަހައްދުގައި ބަލިތައް އިތުރުވަމުންދާތީ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިއްކި ތަނެކެވެ. މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮށްޖެހި، ފުރި ބާރުވެފައެވެ.