ބަރަކާތްތެރި ފިތުރު ޢީދު ދުވަހުގެ ހެޔޮއެދުންތަކާއި މަރްޙަބާ ހުރިހާ ބޭފުޅުންނަށް އަރިސްކުރަމެވެ. މިއީ އެންމެހާ އިސްލާމުންނަށްޓަކައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވަނީ ދެޢީދުންކުރެ އެއް ޢީދެވެ. އާދެ. ފިތުރު ޢީދާއި އަޟްޙާ ޢީދެވެ. މި ދެޢީދަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ދެޢީދެވެ.
ބޭފުޅުންނޭވެ! ޢީދު އަންނަނީ އަޅުގަނޑުމެންގެ ގާތަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެންނަމުންނެވެ. ކުދިބޮޑު އެންމެހާ ރައްޔިތުންގެ ރޫޙަށް ދިރުން ގެނުވަމުންނެވެ. މިއީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި އަގު ބޮޑު ހަދިޔާއެކެވެ. އެއީ އަޅުގަނޑުމެން ޝުކުރުކޮށް އުޅުމަށްޓަކައެވެ. ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އުފާފާޅު ކުރުމަށްޓަކައެވެ.
ބޭފުޅުންނޭވެ! އުފާފާޅުކުރުމުގެ ވާހަކަ ދައްކާއިރު މިއީ އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ވިސްނާލަންޖެހޭ ނުކުތާއެއްކަމުގައި ދެކެމެވެ. އެއީ ބައެއްފަހަރު އަޅުގަނޑުމެން މިކަމުގައި އިސްލާމީ ޝަރީޢަތުގެ ރިވެތި ހިދާޔަތުން ބޭރުވާތަން އެބައާދެއެވެ. އަދި ދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަން ޢީދުގެ އުފަލުގެ ނަމުގައި ކުރާތަންވެސް އެބައާދެއެވެ. އޭގެތެރޭގައި ހިލޭއަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ނެށުމާއި، އެކަކު އަނެކަކު ގަޔަށް އަތްލައި ކުލައުނގުޅައި ހެދުން ފަދަ ކަންކަން މިސާލަކަށް ފުދެއެވެ. މިހުންނަނީ ޢީދަކަސް އެހެން އިރަކަސް ކުރަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ. ވީމާ މިކަންކަމަށް ވިސްނާލުން މުހިންމެވެ.
ޢީދުދުވަހަކީ އުފަލުގެ ދުވަހަކަށް ވީހިނދު ސަލާން ގަލާންކޮށް ހަދައި ދުވަހުގެ ތަހުނިޔާ ކިޔައިހެދުމަކީ މުސްތަޙައްބު ކަމެކެވެ. އަދި ގޭގެޔަށް ޒިޔާރަތްކޮށްލާ ޙާލުއަހުވާލު ބަލާލައި، ތިމާގެކަމުގެ ގުޅުމާއި އުޚުއްވަތްތެރިކަން ބޭއްވުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ލިސްޓުގެ ތެރޭގައި ހިމަނަންޖެހޭނޭ ކަންކަމެވެެ. މިއީ އޭގެ ސަބަބުން ލޯތްބާއި ކުލުނު އުފެދިގެންދާނޭ ކަމެކެވެ.
އުފާވެރި ޢީދަކަށް ހުރިހާ ބޭފުޅުންނަށްވެސް އެދެމެވެ.