މާލެ ސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެމީހުން ލައްވައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. މިމަގަށް ކުރެވޭ މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވާން ޖެހޭ ކަމަށް އެ ޕޯސްޓުގައިވެއެވެ.
މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކުނި އަޅާ މީހާ ނުވަތަ ބަޔަކު ދެނެގަނެވިފައިވާނަމަ އެމީހަކު ނުވަތަ އެބަޔަކު އެޅި ކުނި އެމީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ހޯދައި އެމީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު 100 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ސީސީޓީވީ ފޫޓޭޖް ބަލައިގެން ކުނި އެޅި މީހަކު ހޯދައި އެމީހާ ވަނީ ޖޫރިމަނާކޮށްފައެވެ. ފުލުހުން ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ.
މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު ފާއިތުވެދިޔަ 18 ދުވަސްތެރޭ މާލެއިން 305.65 ޓަނުގެ ކުނި ނަގާފައިވެއެވެ.