މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އެޅި މައްސަލައިގައި 100 މީހުން ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން 100 މީހުން 500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފައެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެއެވެ.

މަގުމައްޗަށް ކުނި އެޅުމުން އުޅަނދުފަހަރު ދުއްވުމަށާއި ޕާކް ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް އިންތިހާ އަށް ދަތިވިއެވެ. މާލެ ތެރެ ހަޑިކޮށްލުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މާލެތެރެ ސާފު ކުރަން ނުކުމެފައެވެ.

އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާދިއްތަ ދުވަހު އެކަނި ވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި، ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުން ނަގާފައިވާ ކަމަށެވެ. މިއީ 25 ފޫޓުގެ އަށް ކޮންޓެއިނަރުގެ ކުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް." އާޒިމްގެ ޕޯސްޓުގައިވެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެ ކަމެއް ކަމަށެވެ.

"ﷲ (ސވއ)ގެ ހެޔޮރަހުމަތުން އަޅުގަނޑުމެން އެންމެންނަކީ ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ލައްވާށި. އާމީން." އާޒިމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *