އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނިކޮށް މިނިވަން ކޮށްފައިވާ އަނީސް ހިލްމީ އަލު ބަންދު ކުރުމަށް އެދި ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އަނީސް ދޫކޮށްލާފައިވަނީ އޭނާ މިނިވަންކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ.
ހއ. ބާރަށު، ސިލްސިލާގެ އަނީސް ފުރަތަމަ، މީގެ ތިން އަހަރު ކުރިން ހައްޔަރު ކުރީ މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައެވެ. އޭރު އޭނާ ބަންދުކުރީ ޝަރީއަތް ނިމެންދެނެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާ އެއްމަހަށް ޖަލަށްލާން ކުރި ހުކުމް ތަންފީޒުކޮށް ނިމިފައިވާއިރު، ދެން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ދަނީ ކުރިޔަށެވެ.
ކުރިމިނަލް ކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްގައިވަނީ ފާއިތުވި ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަނީސް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ދުވަހެއް ނޭނގުމާއި، ކުށުގެ ރެކޯޑެއް ނެތުމާއި، ބަންދުގެ ހުރި މުއްދަތުގައި ކަރެކްޝަންސްގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައި ނުވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ ކަމަށްވެސް އޭނާ ދޫކޮށްލި ބަންދު އަމުރާ ހަވާލާދީ ޕީޖީ އޮފީހުން މައުލޫމާތު ދީފައި ވެއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.