މާލޭގެ މޭޔަރާއި ސިޓީ ކައުންސިލްގެ ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ވޯޓުލާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އެކަމަކު، ރޭގައި އެ ކޮމިޝަނުން ނިންމާފައި ވަނީ ހެނދުނު 8:00 އިން 5:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. އެއީ މާލެ އަށް ވިއްސާރަކޮށް ދަތުރުފަތުރު ކުރުމަށް ހުރަސް އެޅިފައިވާތީއެވެ.
މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވެ އެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ހެން ވޯޓުލުމަށްޓަކައި ވޯޓު ފޮށިތައް ވަނީ ބަހައްޓައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ކުރިއަށް އެބަދެއެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.