އދ. ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ މަޝްވަރާ ކުރަމުންދާ ކަމުގައި ފުލުހުން ބުނެފިއެވެ.
އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ކުއްޖަކު ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އަދި ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޕޯސްޓު މޯޓަމަށް ފަހު މި މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައިވާއިރު، ކުއްޖާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު މޯޗަރީގައެވެ.
ފުލުހުން ބުނެފައިވަނީ މިހާރު މޯޗަރީގައި ބާއްވާފަ އޮތް ކުއްޖާގެ ހަށިގަޑާމެދު އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ކުއްޖާގެ އާއިލާއާއި މަޝްވަރާ ކުރަމުންދާއިރު، އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައެވެ. އެ ކުއްޖާގެ ޕޯސްޓުމޯޓަމް ރިޕޯޓު ފުލުހުން އާންމު ކޮށްފައި ނުވެއެވެ.
އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެންވަނީ ބަންދު ކޮށްފައެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސްރީ ލަންކާގެ 30 އަހަރުގެ އަންހެނެކެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އަންހެން މީހާ ހައްޔަރު ކޮސްފައިވަނީ ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމުގައެވެ.
އެނގިފައިވާ ގޮތުގައި ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާއަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ ކަޅު ކޮތަޅެއްގެ ތެރޭގައި އޮތް އިރު، ފޫޅު ވެސް ނުކަނޑައެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވެފައި ވެއެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށް ކޮތަޅުތަކުން ނަގަނިކޮށެވެ.